މި ސަރުކާރުން ފެލްޓް ކުލި ބޮޑުކުރީ ރަނގަޅަކަށް ނޫން، ފްލެޓްތަކުގެ ކުލި އެމްޑީޕީގެ ވެރިކަމެއްގައި ކުޑަކޮށް ދޭނަން: ސޯލިހް
ދަޕްރެސް
26 ޖުލައި 2025 | ހޮނިހިރު | 7:54
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން، "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އެޅި 4،000 ފްލެޓުގެ ކުލި، މި ސަރުކާރުން ބޮޑު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި އެމްޑީޕީ ވެރިކަމެއްގައި ޕްލެޓްތަކުގެ ކުލި ކުޑކޮށްދޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރުމަށް އެމްޑީޕީން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ ފްލެޓުގެ މަހު ކުއްޔާއި އަދި މަރާމާތުގެ ފީއާއި އެކު ޖުމްލަ 8,000 ރުފިޔާގެ ކުއްޔަކަށް ދޫކުރަން ނިންމިއިރު، ދެ ކޮޓަރީގެ ފްލެޓުގެ މަހު ކުއްޔާއި މަރާމާތުގެ ފީއާއި އެކު ޖުމްލަ 6،000 ރުފިޔާ ނެގުމަށް އޭރު އެމްޑީޕީ ސަރުކާރުން ވަނީ ނިންމާފައެވެ.
އެހެންނަމަވެސް މި ސަރުކާރުން ވަނީ ފްލެޓްތަކުގެ އެޑްވާންސް ފީއެއްގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްތަކުން 25,000 ރުފިޔާ ނެގުމަށް ނިންމާ އަދި ފްލެޓްގެ ފީގެ ގޮތުގައި 9،000 ރުފިޔާ ނެގުމަށް ނިންމާފައެވެ. މީގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1،500 ރުފިޔާ ނެގުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް 15,000 ރުފިޔާގެ އެޑްވާންސް ފީއެއް ނަގާއިރު ކުއްޔަށް 7،000 ރުފިޔާ ނެގުމަށާއި މެއިންޓެނެންސް ފީއަށް 1,000 ރުފިޔާ ނެގުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.