ލަންކާގެ އިގްތިސާދު ރަނގަޅުކުރަން ޑިސަނަޔަކެ ކުރައްވާ މަސައްކަތްފުޅަށް ރައީސް ތައުރީފު ކުރައްވައިފި
ދަޕްރެސް
29 ޖުލައި 2025 | އަންގާރަ | 8:28
ސްރީލަންކާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެއްވުމުގައި، ސްރީލަންކާގެ ރައީސް، ޑިސަނަޔަކެ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުރީފު ކުރައްވައިިފިއެވެ.
ސްރީލަންކާގެ ރައީސް ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ގައުމުން ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު، ރައީސް މުއިއްޒު އާއި ރައީސް ޑިސަނަޔަކެ ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ. މި ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ޑިސަނަޔަކެގެ ޒައާމަތުގައި، ވިލުންތެރި، ޝާމިލު އިގްތިސާދެއްގެ ގޮތުގައި ސްރީލަންކާގެ އިގްތިސާދު އިތުރަށް ހަރުދަނާ ވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައެވެ.
ރާއްޖެއާއި ސްރީލަންކާ އަކީ އިންޑިއާ ކަނޑުން ބަނދެވިފައިވާ، ގާތްތިމާގެ، ދެފަރާތުގެ އިހްތިރާމާއި ދޭދޭ ފެންވަރުގައި ހިއްސާކުރަނިވި އުންމީދުތަކެއްގެ މައްޗަށް ބިނާވެފައިވާ، ޒަމާންވީ އެކުވެރިކަމެއް އޮތް ދެ ގައުމުގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ. އަދި މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބު އަހަރަށް ވާއިރު، މިއީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރިތާ 60 އަހަރު ފުރުނު ތާރީހީ މުނާސަބު އަހަރު ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.