4000 ފްލެޓާ ގުޅިގެން އެމްޑީޕީ: އެއްބަސްވުމުން މަސައްކަތްތަކެއް އުނިކޮށްފައި ވާކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް
ދަޕްރެސް
30 ޖުލައި 2025 | ބުދަ | 9:54
"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގައި އަޅަން ފެށި 4،000 ފްލެޓުގެ މަސައްކަތުން ބައެއް އުނިކޮށްފައި ވާކަމަށް ދެކެވޭ ވާހަކަތަައް އިދިކޮޅު އެމްޑީޕީން ދޮގު ކޮށްފިއެވެ.
އެމްޑީޕީން މިހެން ބުނެފައި ވަނީ ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ދެއްކެވި ވާހަކަތަކަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ހަމްދާން ވަނީ މިހާރު އެ ފުލެޓުތަކުގައި ކުރެވެމުން ދަނީ އިބޫގެ ސަރުކާރުގައި ނުކުރަން ނިންމި މަސައްކަތްތައް ކަމަށާއި، އެ ފުލެޓުތަކަށް ކުރީ ސަރުކާރުގައި ކަރަންޓާއި ފެނާއި އިންޓަނެޓު ލިބޭ ގޮތް ރާވާފައި ނެތް ކަމަށެވެ. އަދި މި މަސައްކަތް މިހާރު ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށް ހަމްދާން ވަނީ ވިދާޅުވެފައެވެ.
މިވާހަކަތަކަށް ރައްދުދެމުން އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުމުން މަސައްކަތްތަކެއް އުނިކޮށްފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެ ވާހަކަތައް ފަތުރަމުން ދަނީ އެ ފްލެޓުތައް މީހުންނާ ހަވާލު ކުރަން ފެށުނުއިރު ވެސް މި ސަރުކާރުގެ ނާގާބިލްކަމުގެ ސަބަބުން މަސައްކަތްތައް ނުކުރެވި ހުރުމުން އެކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ.