މާވަށުގައި މަރާލި ޒުވާނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި
ދަޕްރެސް
30 ޖުލައި 2025 | ބުދަ | 12:11
ލ. މާވަށުގައި މަރާލާފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:12 ހާއިރު އެ ރަށު ވޮލީ ކޯޓު ސަރަހައްދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އެ ރަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމްއެވެ. ދެމީހެއްގެ ދޭތެރޭ ހިނގި މާރާމާރީއެއްގައި މޫސައަށް ހަމަލާދީ މަރާލި މައްސަލައިގައި އެ ރަށަށް ގޮސް އުޅޭ އެހެން ރަށެއްގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ތަހުގީގު ނިންމައި މޫސާގެ ހަށިގަނޑު އޯޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ދާ ކަމަށެވެ. މޫސާގެ ހަށިގަނޑު ތަހުލީލުތައް ހެދުމަށްޓަކައި މާލެ ގެނެސްފައިވަނީ އިއްޔެއެވެ.