ގާޒާ އަލުން ބިނާކުރުމުގެ މަސައްކަތަށް އެހީވާން ތައްޔާރަށް އޮތް ކަމަށް ރާއްޖެއިން ހާމަކޮށްފި
ދަޕްރެސް
31 ޖުލައި 2025 | ބުރާސްފަތި | 9:33
ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަކަށް ދެވުމުން، ގާޒާ އަލުން ބިނާކުރުމުގެ މަސައްކަތަށް އެހީވާން ތައްޔާރަށް އޮތް ކަމަށް ދިވެހިރާއްޖެއިން ހާމަކޮށްފިއެވެ.
ރާއްޖެއިން މި ފަދައިން ހާމަކޮށްފައި ވަނީ އިއްޔެ ބޭއްވި މަތީ ފެންވަރުގެ ބައިނަލްއަގްވާމީ ކޮންފަރެންސްގައެވެ. އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރު މުހައްމަދު، އެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ވަނީ، ނަސްލު ނައްތާލުން ހުއްޓުވުމަށްޓަކައި ނިންމުންތައް ނިންމާނެ ފަދަ ފިޔަވަޅުތަކެއް އަޅައި، ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލާފައެވެ.
އަދި ފަލަސްތީނުގައި އިޒްރޭލުން ގަސްތުގައި ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމާއި، އިންސާނިއްޔަތާ ހިލާފު ހާލަތްތައް ދިމާކުރަމުންދާކަން ފާހަގަކުރައްވައި، އެކަމާ ކަންބޮޑުވުން ފާޅުކޮށް، ރާއްޖެއިން ވަނީ ނަސްލު ނައްތާލުމަށް އިޒްރޭލުން ކުރަމުންދާ މަސައްކަތް ހުއްޓުވައި، ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށްޓަކައި ޑިޕްލޮމެސީގެ އުސޫލުތަކާއި، ގިނަ ފަރާތްތަކުގެ އެއްބާރުލުން އިތުރުކުރުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.