ޑޮކްޓަރަށް ނުދެއްކި ކިޔޫގައި ތިބޭ މައްސަލަ ހައްލުކުރުމަށް ޖެނެރަލް ޕްރެކްޓިސް ކްލިނިކްތައް ގާއިމުކުރަނީ
ދަޕްރެސް
31 ޖުލައި 2025 | ބުރާސްފަތި | 11:10
ޑޮކްޓަރަށް ނުދެއްކި ބަލި މީހުންގެ ކިޔޫއެއް އޮންނަ މައިގަނޑު އެއް ސަބަބަކީ ބައެއް ސްޕެޝަލިޓީ އޭރިއާތަކުގައި ޑޮކްޓަރުން މަދުވުން ކަމަށާއި އިތުރު ޑޮކްޓަރުން ހޯދުމުގެ މަސައްކަތްކުރާ ކަމަށް މާލޭ ހޮސްޕިޓަލްތަކުގެ ގްރޫޕްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ހަލީމް ވިދާޅުވީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް އެއްކޮށްލައިގެން 32 ސްޕެޝަލިސްޓް ހިދުމަތް ދެވޭ ކަމަށެވެ. އެހެންނަމަވެސް ބައެއް ސްޕެޝަލިޓީ އޭރިއާތަކުގައި ބަލިމީހުންނަށް ފަރުވާ ދޭން ތިބެނީ އެންމެ ޑޮކްޓަރެއް ނޫނީ ދެ ޑޮކްޓަރުން ކަމަށެވެ. ޑޮކްޓަރަށް ނުދެއްކި ބަލި މީހުންގެ ކިޔޫގައި ތިބޭ މައްސަލަ ހައްލުކުރުމަށް އިންސާނީ ވަސީލަތްތަކާ ސްޕެޝަލިސްޓް ޑޮކްޓަރުން އިތުރަށް ހޯދަން ޖެހިފައިވާކަން ފާހަގަކޮށް ހަލީމް ވަނީ މި މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލު ހާމަކުރައްވާފައެވެ.
އެގޮތުން ހަލީމް ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޖެނެރަލް ޕްރެކްޓިސް ކްލިނިކްތަކުގެ ތެރެއިން ފުރަތަމަ ކްލިނިކް އޮގަސްޓްމަހު ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވެފައެވެ. މިއީ މާލޭ ސަރަޙައްދުގައި ސަރުކާރުގެ މައި ހޮސްޕިޓަލްތަކަށް އާންމު ބަލިތަކަށް ޑޮކްޓަރަށް ދައްކަންދާ މީހުންގެ ކިޔޫ ކުޑަކުރުމަށް ގާއިމުކުރާ ކްލިނިކެއްކަން ފާހަގަކޮށް ހަލީމް ވިދާޅުވީ ކްލިނިކްތަކުން ލޭގެ ޓެސްޓްހަދަން ސާމްޕަލް ނެގުމާއި އެކްސްރޭ ނެގުންފަދަ ފުރަތަމަ މަރުހަލާގައި ކުރެވޭ މުހިއްމުކަންކަން ކުރެވޭނެކަމަށެވެ. އަދި ބަލިމީހާގެ ސީރިއަސްކަމެއް ނެތްނަމަ ޖީޕީ ކްލިނިކްތަކުން ބޭސްދިނުން ފަދަ ކަންކަން ކުރިއަށްގެންދާނެކަމަށާ، ސްޕެޝަލިސްޓަކަށް ދައްކަން ޖެހޭނަމަ ޖީޕީ ކްލިނިކްތަކުން އެޕޮއިންޓްމަންޓް ހަދައިދޭނެކަމަށް ހަލީމް ވިދާޅުވިއެވެ.