އަސްކޮއި ހިޔާނާތާއި ގުޅިގެން އެ ކުންފުނީގެ ހުއްދަ ހިފަހައްޓާ ޖޫރިމަނާކޮށްފި
ދަޕްރެސް
31 ޖުލައި 2025 | ބުރާސްފަތި | 11:22
އަސްކޮއި ގުރޫޕުން ފައިސާ ނެގުމަށްފަހު އުމްރާގެ އަޅުކަމަށް ނުގެންދެވޭނެ ކަމަށް އެންގި މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން އެ ކުންފުންޏަށް ފިޔަވަޅު އަޅައިފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އިސްލާމިކް މިނިސްޓްރީން ބުނީ އަސްކޮއިގެ ފަރާތުން އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ޕާސްޕޯޓުތައް އަތުލުމާއެކު މި މަހުގެ 24 ވަނަ ދުވަހު އުމްރާއަށް ފުރުމަށް ހަމަޖެހިފައިވާކަން އަންގާފައިވާކަމަށާއި، ނަމަވެސް އެއަށްފަހު މިވަގުތު ސައުދި އަރަބިއްޔާއަށް ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ބުނެފައިވާކަމަށެވެ. އަދި ގަލްފުގެ ނުރައްކާތެރިކަން ރަނގަޅުވުމުން ދަތުރުކުރަން ކުންފުނިން ބޭނުންވާކަމަށާއި، އެހެންކަމުން އުމްރާ ދަތުރު ފަސްކޮށްފައިވާކަން އެ ކުންފުނިން މީހުންނަށް އަންގާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެއާއެކު އިސްލާމިކް މިނިސްޓްރީން ވަނީ ފައިސާ ދައްކާފައިވާ މީހުން، އެ މީހުންގެ ޕާސްޕޯޓާއި މުހިންމު ލިޔެކިޔުންތައް ހޯދުމަށް އަސްކޮއި ކުންފުނީގެ އިސްވެރިޔާއަށް ގުޅަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމުގެ ޝަކުވާތައް މިނިސްޓްރީއަށް އައިސްފައިވާކަމަށް ބުނެފައެވެ.