ރައީސަށް މަރުގެ އިންޒާރު ދިން މައްސަލައިގައި 25 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފި
ދަޕްރެސް
1 އޯގަސްޓު 2025 | ހުކުރު | 9:17
ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައިގައި 25 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވުމުން، ނޫހަކުން ހަދާފައިވާ ހަބަރެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް، މި މީހާ ވަނީ ރައީސަށް ހުތުރުބަހުން މުހާތަބުކޮށް "މަރާލަން ޖެހޭ" ކަމަށް ލިޔެފައެވެ.
ފޭސްބުކްގައި މަސީހް މޫސާ ނަމަކަށް ކިޔާ މީހަކު ލިޔެވައިވާ ޕޯސްޓާއި ގުޅިގެން ފުލުހުން ވަނީ މި މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މައްސަލަ ބަލަމުން ދާ ކަމަށް ބުނެފައެވެ. އެގޮތުން މިހާރު އެމީހާ ވަނީ ހައްޔަރު ކޮށްފައި ކަމަށާއި އޭނާގެ ފޯން ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.