ކަނޑުމަހުގައި އެކުލެވޭ ހިސްޓަމިން އަކީ އިންސާނުންނަށް ހުރި ނުރައްކަލެއް! ރައްކާތެރިވުމަށް މިކަންކަން ކޮށްލާ
ދަޕްރެސް
3 އޯގަސްޓު 2025 | އާދިއްތަ | 1:11
ކަނޑުމަހަކީ ދިވެހިންގެ ކެއުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗަކަށްވާއިރު، ރަހަ މީރު އަދި ހަށިގަނޑަށް ފައިދާހުރި ކާނާއެއްގެ ގޮތުގައި މަސް ބޭނުންކުރެއެވެ. ނަމަވެސް މަސް ރަނގަޅަށް ބެލެހެއްޓިފައި ނުވާނަމަ "ހިސްޓަމިން ޕޮއިޒަނިން" ނުވަތަ ހިސްޓަމިން ވިހަވުން ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. މިއީ އިންސާނުންނަށް ސިއްހީ ގޮތުން ނުރައްކާތެރި ކަމަކަށްވާއިރު މިކަމުން ރައްކާތެރިވާނެ ގޮތްތައް ދެނެގަނެފައި އޮތުމަކީ މުހިންމު ކަމެކެވެ.
ހިސްޓަމިން އަކީ ކަޅުބިލަމަސް، ކަންނެލި ނުވަތަ ލައްޓިފަދަ މަސްމަހުގައި ގުދުރަތީ ގޮތުން އެކުލެވޭ ބެކްޓީރިއާއެއް އުފައްދާ އެންޒައިމަކުން މަހުގައި އުފެދޭ ވިހަ މާއްދާއެކެވެ. މިއީ ކަނޑުމަހުގެ ޒަރީއާއިން އިންސާނުންގެ ހަށިގަނޑަށް ކުރިމަތިވާ ނުރައްކަލެކެވެ.
މަސް މަރުވުމަށްފަހު މަހުގެ ކަރު ގަނޑާއި، ގޮހޮރުގެ އިތުރުން ހަމުގައި އެލުވޭ ބެކްޓީރިއާތައް މަހުގެ މަސްގަނޑުގައި އެކުލެވޭ ހިސްޓިޑިން، ހިސްޓަމިން އަށް ބަދަލުކޮށްލައެވެ. މަސް މަރުވުމާއެކު އޭގައި ހިމެނޭ ބެކްޓީރިއާތައް އެތައް ގުނައެއް އިތުރުވެގެންދާއިރު، މި ބެކްޓީރިއާގެ ޒަރީއާއިން އުފެދޭ ވިހަ މާއްދާތަކުގެ ސަބަބުން އެ މަހަކީ ކެއުމަށް ރައްކާތެރި ނޫން މަހަކަށް ވެގެން ދެއެވެ.