ޒަކާތް ދެއްކުމާއި ބަލައިގަތުން ހަރުދަނާކުރުމަށް، ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅައިފި

ދަޕްރެސް

11 އޯގަސްޓު 2025 | ހޯމަ | 11:06

ރާއްޖޭގައި ޒަކާތް ދެއްކުމާ ބަލައިގަތުމާ، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާ ފައިސާ ބެހުމުގެ ކަންކަން ހަރުދަނާކޮށް، ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ގާނޫނީ އޮނިގަނޑެއް ކަނޑައަޅާ، އެ ނިޒާމު ހިންގުމާ ބެހޭ ހަމަތަކާއި އުސޫލުތައް ބަޔާންކޮށް ޒަކާތުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދުއެވެ.

މި ބިލުގެ، ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި އިސްލާމްދީނުގައި ޒަކާތް ޝަރުއު ކޮށްފައިވާ މަގުސަދުތައް ހާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުން ހިމެނެއެވެ. އަދި ގާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުން ހިމެނޭކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާއީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތެއްގެ މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި އެ ފައިސާ ބޭނުންކުރުމާ ގުޅޭ އާންމު އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

މައުޟޫޢުތަށް