އައްޑޫގައި ރޭ އެކްސިޑެންޓު ހިނގީ ކުޑަކުއްޖާއަށް ފުލުހުން ފެނިގެން ބިރުން ފިލަން އުޅުމުގެ ތެރޭގައި
ދަޕްރެސް
11 އޯގަސްޓު 2025 | ހޯމަ | 11:09
އައްޑޫ ސިޓީގައި ރޭ ކުޑަކުއްޖަކު ދުއްވި ސައިކަލް އެކްސިޑެންޓު ހިނގީ، އޭގެ ތެރެއިން ސައިކަލް ދުއްވަން އިން ކުޑަކުއްޖާއަށް ފުލުހުން ފެނިގެން ބިރުން ފިލަން އުޅުމުގެ ތެރޭގައި ކަމަށް, ފުލުހުން ބުނެފިއެވެ.
އައްޑޫ ސިޓީގެ ހިތަދޫ، ހީނާމަގުގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓު، ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 21:17 ހާއިރުއެވެ.
ރޭ ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއް ސައިކަލު ދުއްވި އަންހެނަކަށާއި، އަނެއް ސައިކަލު ދުއްވި 15 އަހަރުގެ ފިރިހެން ކުއްޖާ އާއި އެ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެފައިވާކަމަށެވެ. އަދި މި ދެ ކުޑަކުދިންނާއި އަންހެން މީހާ ފަރުވާ ދިނުމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.