ބ. އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ރައީސް އިފްތިތާހް ކޮށްދެއްވައިފި

ދަޕްރެސް

12 އޯގަސްޓު 2025 | އަންގާރަ | 12:12

ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިފްތިތާހް ކޮށް ދެއްވައިފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް އެމަނިކުފާނު އިފްތިތާހް ކޮށްދެއްވީ ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ހިދުމަތް ފައްޓަވާދެއްވުމަށްފަހު ރައީސް ވަނީ މެމޮގްރަފީގެ ހިދުމަތް ދިނުމަށް ހަމަޖައްސަވާ އުރަމަތީގެ ކެންސާ ސްކްރީނިން ކޮޓަރި ބައްލަވާލައްވާފައެވެ.

މެމޮގްރަފީ އަކީ އުރަމަތީ ކެންސަރުގެ އެއްވެސް އަލާމާތެއް ބޭރުފުށުން ނުފެންނަ އިރު، އެ ބާވަތުގެ ކެންސަރު ޖެހިފައި ހުރިކަން ދެނެގަންނަން ހަދާ ޓެސްޓެކެވެ. މެމޮގްރަފީގެ ހިދުމަތާ އެކު، އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާގެ ހިދުމަތް އިތުރަށް ބ. އަތޮޅުގައި ފުޅާވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެވެ. އޭދަފުށީގައި މެމޮގްރަފީގެ ހިދުމަތް ފެށިގެން ދިޔުމާއެކު އެ ސަރަހައްދުގެ ރައްޔިތުން އެ ހިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވުން ނިމުމަކަށް އަންނާނެ ކަމެކެވެ.

މައުޟޫޢުތަށް