މިނިވަން އިދާރާއެއްގެ ގޮތުގައި އޮތް އީޕީއޭގެ ނަން ބަދަލުކޮށް އެންވާރަމަންޓް މިނިސްޓްރީގެ ދަށަށް
ދަޕްރެސް
12 އޯގަސްޓު 2025 | އަންގާރަ | 3:32
މިނިވަން އިދާރާއެއްގެ ގޮތުގައި އޮތް އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)، އެންވާރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ މި ބަދަލު ގެންނަވާފައިވަނީ ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އެމަނިކުފާނު ކަމަށެވެ. މީގެއިތުރުން އީޕީއޭގެ ނަންވެސް ވަނީ އެންވާރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބަދަލުކުރައްވާފައެވެ.
އަދި މި ބަދަލު ގެނައީ އީޕީއޭއިން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކަކަށް ވުމާއެކު، އެ އިދާރާއިން ކުރަމުންގެންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ހަލުވިކުރުމުގެ މަގުސަދުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި އީޕީއޭގެ ނަން ބަދަލުކޮށްފައިވަނީ އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމުގެ ގޮތުން ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.