ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް އީޕީއޭގެ އޮނިގަނޑު ބަދަލުކުރީ ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
ދަޕްރެސް
13 އޯގަސްޓު 2025 | ބުދަ | 9:39
މިނިވަން އިދާރާއެއްގެ ގޮތުގައި އޮތް އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)، އެންވާރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް މުޅި އިދާރާގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވަނީ ސިޔާސީ ނުފޫޒު ފޯރުވުމުގެ މަގުސަދުގައި ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އީޕީއޭގެ ނަން އެންވާރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބަދަލުކޮށްފައިވާއިރު، މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ޕާޓީން ބުނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ހެދުމާ ބެހޭ ގަވައިދު ސިޔާސީ ބޭނުމަށް ބަދަލުކުރުމާއި މުޅި އިދާރާގެ އޮނިގަނޑު ބަދަލުކުރުމަކީ އެމްޑީޕީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، ޑިމޮކްރަސީގެ ހަމަތަކާ ނުބައްދަލު ކަންކަން ކުރުން ހުއްޓާލުމަށް ރައީސް މުއިއްޒަށް ގޮވާލާ ކަމަށެވެ.
އަދި އީޕީއޭ އަކީ 2008 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ތިމާވެށީގެ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމަށް އުފެއްދި މުއައްސަސާއެއް ކަމަށާއި، އެކި ވެރިކަމުގައި އީޕީއޭގެ މަސައްކަތް މިނިވަން ކަމާއެކު ކުރެވޭނެ މާހައުލު ފަހި ކޮށްދީފައިވީ ނަމަވެސް މި ސަރުކާރުން ވަނީ ތިމާވެށި ހިމާޔަތް ކުރުމުގެ މަގުސަދު ގެއްލޭ ގޮތަށް ކުއްލި ގޮތަކަށް އިދާރީ އޮނިގަނޑު ބަދަލުކޮށްފައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.