ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަަބަބުން ފައިދާވާނީ ރައްޔިތުންނަށް، ސަރުކާރަކަށް ނޫން: ގާސިމް
ދަޕްރެސް
17 އޯގަސްޓު 2025 | އާދިއްތަ | 10:04
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ފައިދާވާނީ ރައްޔިތުންނަށް ކަމަށާއި ސަރުކާރަށް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކަކީ މިއަދުގެ ހާލަތާއި ގުޅިގެން ބޭނުންޖެހިފައިވާ ވަރަށް މުހިންމު އިސްލާހުތަކެއް ކަމަށެވެ.
ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނު ވެސް އޮންނަންވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނެ މިންވަރަށް އެ ހުދޫދުގެ ތެރޭގައި ކަމަށެވެ. އަދި ޔުނިޓަރީ ދައުލަތެއްގެ ނިޒާމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބާރުތަކާއި ފްރޭމްވޯކާއި ފުށުއަރާ ގޮތަށް އެއްވެސް ގާނޫނެއް ހެދިފައި އޮވެގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.