މާލޭގެ ގެއެއްގައި ބަންގްލަދޭޝްގެ މީހަކު ރަހީނުކޮށް ފައިސާ ހޯދަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
ދަޕްރެސް
17 އޯގަސްޓު 2025 | އާދިއްތަ | 12:20
މާލޭގެ ގެއެއްގައި ބަންގްލަދޭޝްގެ މީހަކު ބަންދުކޮށް، އޭނާގެ އާއިލާއަށް ގުޅައި ފައިސާ ހޯދަން ޑިމާންޑްކުރި ދެ މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސްޖަހައިފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ރަހީނުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުހައްމަދު ޝަޖަހާންއެވެ. އަދި އޭނާ ރަހީނުކުރި މައްސަލާގައި ހައްޔަރުކުރީ އުމުރުން 37 އަހަރުގެ ސަދިގުލް މިއާ އާއި މުހައްމަދު އަޒީޒުލްއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 12:40 ހާއިރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަޖަހާން ރަހީނުކޮށް، އަނިޔާކުރަމުންދާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި ޝަޖަހާންގެ ފޯނު ނަމްބަރުގެ ލޮކޭޝަން ބެލިއިރު އޭނާ އެ ވަގުތު ހުރީ މއ. ރަނައުރާ ގޯޅީގައި ހުރި ތަނެއްގައިކަން އެނގުނު ކަމަށް މި އަމުރުގައި ވަނީ ބުނެފައެވެ.