ސީއެސްސީއަށް މެންބަރުން އައްޔަންކުރަން ރައީސް ފޮނުއްވި ލިސްޓުގައި ނާޒިމްގެ އަނބިކަނބަލުން ދީބާ
ދަޕްރެސް
18 އޯގަސްޓު 2025 | ހޯމަ | 1:36
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވާ ތިން މަގާމުން އެއް މަގާމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްގެ އަނބިކަނބަލުން ޑރ. ދީބާ މޫސާ އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒު މަޖިލީހަށް ނަން ފޮނުއްވެވީ އެ ކޮމިޝަނުގެ 3 މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ 3 ވަނަ ދުވަހަށް ހަމަވާތީއެވެ. އެގޮތުން މުއްދަތު ހަމަވަނީ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި މެންބަރުން ކަމަށްވާ މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެއެވެ.
މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާނަމަ އެ މަގާމަށް އިތުރު ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ހުށަހަޅުއްވަން ޖެހެއެވެ. އެގޮތުން މަޖިލީހަށް ހުށަހަޅުއް ވަނީ އާންމުކޮށް ފުރުސަތު ހުޅުވާލައިގެން ކުރިމަތިލުމުން ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެ ކޮމިޝަނަކަށް އައްޔަން ކުރައްވަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތަކެވެ.