ގެދޮރުވެރިޔާ ފްލެޓު ލިބުނު ކަމުގެ ލިޔުންދިން ފަހުން ލިސްޓުން އުނިކުރި މައްސަލައެއް ކޯޓަށް
ދަޕްރެސް
18 އޯގަސްޓު 2025 | ހޯމަ | 7:55
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި ނަން އޮތް އަދި ލިޔުން ވެސް ހަވާލު ކުރި ފަހުން އެ ލިސްޓުން ނަން އުނިކުރި މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓު އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހަވާލު ކުރީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް ފްލެޓް ލިސްޓު އާންމު ކުރި ނަމަވެސް ގިނަބަޔަކު ވަނީ އެ ލިސްޓާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެއާއެކު ލިސްޓު ރިވިއުކޮށް އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު އާންމުކޮށްފައިވާއިރު އެ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހުންނަށެވެ. އަދި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.