ނޫސްވެރިން އިހުތިޖާޖު ކުރުމުން މީޑިއާ ބިލުގެ މަސައްކަތް ހުއްޓާލައި މަޖިލީހުގެ ދައުރު ނިންމާލައިފި
ދަޕްރެސް
19 އޯގަސްޓު 2025 | އަންގާރަ | 10:59
ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އެއްކޮށްލައި ގޮތަށް ނޫސްވެރިކމަުގެ މިނިވަންކަން ނަގާލާ ގޮތަސް މިއަދު މަޖިލީހަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލައި މަޖިލީހުގެ ދައުރުވެސް މިއަދު ނިންމާލައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅި އިރު މަޖިލީހަށް ބައެއް ނޫސްވެރިން ވަދެ ވަނީ އިހުތިޖާޖު ކޮށްފައެވެ. އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިން މަޖިލިސް ތެރޭގައި ތިބީ އަތުން އަނގަމަތި ނިވާކޮށްގެންނެވެ.
މިއަދު ހުށަހެޅި ބިލުގެ ބަހުސް ވަކި ހިސާބަކަށް ދިޔަ ފަހުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، ބިލު އިތުރަށް ދިރާސާ ކުރަން ބޭނުންވާތީ ބިލުގެ ބަހުސް މިއަދަށް ނިންމާލީ ކަމަށް ވިދާޅުވެފައެވެ. ބިލަށް ބަހުސް ކުރަން ގިނަ މެންބަރުން އެދޭ އިރު، އެ ބިލު ދިރާސާކުރަން ގިނަ މެންބަރުން އެދޭ ކަމަށް ވެސް އަބދުއްރަހީމް ވަނީ ވިދާޅުވެފައެވެ.