މާޅޮހު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް މިއަހަރު ފަށަނީ
ދަޕްރެސް
19 އޯގަސްޓު 2025 | އަންގާރަ | 4:45
މާޅޮހު ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށްޓަކައި މުޅިން އައު އިމާރާތެއްގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި އެ އަތޮޅު މާޅޮހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެރަށުގެ ސިއްހީ މަރުކަޒުގައި ބަލިމީހުންނަށް ހިދުމަތް ދެމުންދާ އިމާރާތަކީ ވަރަށް ދުވަސްވެ ވީރާނާވެފައިވާ އިމާރާތެއްކަން ފާހަގަކުރައްވައި ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ ތެރޭގައި ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ. އެ މަޝްރޫއު ކުރިއަށްގެންދާއިރު ލެބޯޓްރީގެ ހިދުމަތް ވެސް ފުރިހަމަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.