ބޮޑުތަކުރުފާނު މަގުން ބައެއް ހަތަރު ލޭން މަގަކަށް ހެދުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެ
ދަޕްރެސް
20 އޯގަސްޓު 2025 | ބުދަ | 11:03
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްތެއްގައި ވިދާޅުވީ، މިއީ މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަޙައްދުން ބައެއް ބަންދުކޮށް ޓްރެފިކް ރޫޓަށް ވަނީ ބަދަލުތަކެއް ގެނެސްފައި ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.
ހަމައެއާއެކު އެ ސަރަޙައްދުގެ ފަޅުވެސް ވަނީ އުޅަނދުތަކަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުކޮށްފައި ކަމަށް މުއްތަލިބް ވިދާޅުވިއެވެ. މި މަސައްކަތުގައި އާންމު ރައްޔިތުން އެއްބާރުލުން ދިނުމަށް މުއްތަލިބް ވަނީ އެދިވަޑައިގެންފައެވެ. އަދި ދިމާވާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް މުއްތަލިބް ވިދާޅުވިއެވެ.