"ވަން ޕީސް"ގެ ތަރި ޓެޒް ސްކައިލާ، ރާއްޖޭގެ ޓޫރިޒަމް އެމްބެސެޑަރަކަށް ހަމަޖައްސައިފި
ދަޕްރެސް
20 އޯގަސްޓު 2025 | ބުދަ | 3:58
ނެޓްފްލިކްސްގެ އެންމެ މަޝްހޫރު ޝޯ "ވަން ޕީސް"ގެ ތަރި ޓެޒް ސްކައިލާ، ރާއްޖޭގެ ޓޫރިޒަމް އެމްބެސެޑަރަކަށް ހަމަޖައްސައިފިއެވެ.
މިކަން އިއުލާނުކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ މި މަހުގެ 27 އިން ސެޕްޓެމްބަރު 15 ގެ ނިޔަލަށް ސްކައިލާ ރާއްޖެއަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާކަމަށާއި، ސްކައިލާގެ އެމްބެސެޑާޝިޕްގެ ތެރޭގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފީ މުއްސަނދިކަން ދުނިޔެއަށް ދައްކާލާ ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުން ހިމެނޭ ކަމަށެވެ.
ސްކައިލާ އަކީ އިންސްޓަގްރާމްގައި 1.8 މިލިއަން ފޮލޯވަރުން ތިބި މީހުންގެ މެދުގައި މަގުބޫލު ތަރިއަކަށްވާއިރު، އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް އޭނާގެ ޕޯސްޓު ތަކަށް ލިބެއެވެ.