މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިނުގަތުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި
ދަޕްރެސް
21 އޯގަސްޓު 2025 | ބުރާސްފަތި | 11:05
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަކީ" އެއިރެއްގައި އޮންނަ ސަރުކަރާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ދާ ގޮތަށް ފަރުމާކޮށްފައިވާ ބިލެއްކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.
ރަައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު، އޮގަސްޓު 17، 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާއި ގުޅިގެން މީޑީއާ ކައުންސިލުން ރޭ ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި މި ބުނީ ބިލު މިހާރު ފަރުމާކޮށްފައިވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެނިހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް ކަމަށެވެ. އެ ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސް އެޅި، ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގިނަ މާއްދާތައް ހިމެނިފައި ހުރިކަން މީޑިއާ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.