ޔާމީނަށް ގާސިމްގެ ރައްދު: ޓެކްސް އިން 30 މިލިއަން މާފެއް ނުކުރޭ، ރައީސް އޮފީހުގެ ސިޓީން މިކަން ހާމަވޭ
ދަޕްރެސް
23 އޯގަސްޓު 2025 | ހޮނިހިރު | 8:46
ގދ. ކާޑެއްދޫ އެއާޕޯޓުގެ ލީސް އެގްރިމަންޓު ބާތިލުކުރުމަށްފަހު އެ އެއާޕޯޓު ސަރުކާރަށް ނަގަނީ ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ސަރުކާރަށް ދައްކަން ހުރި ޓެކްސް ފައިސާ މައާފުކުރާގޮތަށްކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާއި ގުޅިގެން އެ ވާހަކަތަކަށް ގާސިމް ރައްދުދެއްވައިފިއެވެ.
ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ޔާމީން ވަނީ ކޮންމެ ސަރުކާރެއް އަޔަސް، ކާޑެއްދޫ އެއާޕޯޓަކީ ގާސިމްގެ "ތަރިކަ މުދާގަނޑެއް" ކަމަށާއި، ގާސިމް އެދިވަޑައިގަންނަވައިގެން ކޮންމެ ސަރުކާރަކުން ކާޑެއްދޫ އެއާޕޯޓު ގާސިމަށް ދެނީ ކަމުގައި ވިދާޅުވެފައެވެ. އަދި އެ އެއާޕޯޓު ހިންގަން އުޅެއުޅެ ނުހިންގުމުން ސަރުކާރު ބޮލުގައި އަޅަން ޖެހުނީ ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މި ވާހަކަތަކަށް ރައްދު ދެއްވަމުން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ ކަންކަން ހިނގާފައިވާ ގޮތް އޮޅުވާ ލުމަށްފަހު ފަތުރާ ދޮގު ވާހަކަތައް ދިވެހިން ގަބޫލު ނުކުރާނެ ކަމަށެވެ. ގާސިމް އެއާއެކު ވަނީ ރައީސް އޮފީހުން ގާސިމްގެ ދަރިކަލުންނަށް ފޮނުއްވާފައިވާ ސިޓީވެސް ހާމަކުރައްވާފައެވެ.