ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް އިންޒެކް 2025 ރަސްމީކޮށް ފަށައިފި
ދަޕްރެސް
23 އޯގަސްޓު 2025 | ހޮނިހިރު | 11:24
ބައިނަލްއަގުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް ނުވަތަ އިންޒެކް 2025 ރަސްމީކޮށް ފަށައިފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މެލޭޝިޔާގެ އިންސިފް ޔުނިވާސިޓީގެ އެސޯސިއޭޓް ޑީން، ޑރ. އާއިޝަތު މުނީޒާ ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދި ޒަކާތުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތައް ފާހަގަކޮށް މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އިންޒެކް 2025 އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ގާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ކޮންފަރެންސްގައި އިލްމުވެރިންނާއި، މުޖުތަމައުގެ އިސްވެރީން ގުޅިގެން އިޖްތިމާއީ ދުޅަހެޔޮކަމާއި އިގުތިސާދީ ހަމަޖެހުން ގާއިމުކުރަން ޒަކާތުގެ ހިންގުން ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަތުމަށް ހަމަޖެހިފައިވާކަމަށްވެސް ވަނީ ބުނެފައެވެ.