ހދ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރަތަމަ މަންޒިލް ހިރިމަރަދުއަށް ރައީސް ވަޑައިގެންފި

ދަޕްރެސް

24 އޯގަސްޓު 2025 | އާދިއްތަ | 3:50

ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ފުރަތަމަ މަންޒިލް ހދ. ހިރިމަރަދޫ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންފިއެވެ.

އެ ރަށަށް ރައީސް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ރައީސް ހިރިމަރަދޫ އަށް ވަޑައިގަންނަ އިރު މިއަދަކީ ގައުމީ ދުވަސް ކަމުން އެ ރަށުގެ ރައްޔިތުން ރައީސް އަށް މަރުހަބާ ކިޔުމަށް ތައްޔާރަށް ތިބީ އިރު ކުޑަކުދިންނާއި ޒުވާނުންގެ ގިނަ ފަރާޓްތަކުން ވެސް ފެނިގެން ދަނީ ގައުމީ ހެދުމުގައި ތިބި ތަނެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ ހދ އަށް ކުރައްވާ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލު ކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. މީގެއިތުރުން މި ދަތުތުފުޅުގައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި، އެ ރައްޔިތުންގެ ހާލު ރައީސް މުއިއްޒު ބައްލަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

މައުޟޫޢުތަށް