ގޯއްޗަކަށް ގޯއްޗެއް ލިބޭގޮތަށް ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކޮށްދޭނެކަމަށް ރައީސް ވިދާޅުވެއްޖެ
ދަޕްރެސް
24 އޯގަސްޓު 2025 | އާދިއްތަ | 4:54
ގޯއްޗަކަށް ގޯއްޗެއް ލިބޭގޮތަށް ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ފުރަތަމަ މަންޒިލް ހދ. ހިރިމަރަދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުންގެ މުސްތަގުބަލު އުޖާލާ ކޮށްދިނުމުގެ ގޮތުންނާއި، އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ކޮންމެ ގޯއްޗަކަށް ގޯއްޗެއް އަދި ގެއެއް އަޅައިދީ ތަޅުދަނޑި ހަވާލުކުރެވޭނެކަަމަށާއި، ބަދަލެއްގެ ގޮތުގައި ފައިސާގެ އަދަދެއްވެސް ދޭނެ ކަމަށެވެ.