ރައީސަށް މަރުހަބާ ދަންނަވަން ފަނޑިޔާރުންނަށް ނިކުމެވޭނެކަމަށް ޖޭއެސްސީން ނިންމައިފި
ދަޕްރެސް
27 އޯގަސްޓު 2025 | ބުދަ | 8:02
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްތަކައް ދަތުރުފުޅުކުރައްވާއިރު މަރުހަބާ ދެންނެވުމަށްޓަކައި އެރަށުގައި ތިއްބަވާ ފަނޑިޔާރުންނަށް ނިކުމެވޭނެކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމައިފިއެވެ.
ރައީސް މުއިއްޒު ރާއްޖޭގެ އެކި ރަށްރަށަށް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެ ރަށެއްގެ ކޯޓުތަކާއި ހުރިހާ އިދާރާއެއްގެ ވެރިންނާ ބައްދަލުކުރައްވާ ރަށުގެ އެކިއެކި ތަރައްގީގެ މަޝްރޫއުތަކާއި އެހެނިހެން ކަންކަން ދަނީ މަޝްވަރާ ކުރައްވަމުނެވެ.
ޖޭއެސްސީން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ވަނީ ރައީސަށް މަރުހަބާ ދެންނެވުމަށް ބައިވެރިވުމާއި މުއައްސަސާތަކުގެ ވެރިންނާ އެކު ބާއްވަވާ ބައްދަލުވުންތަކުގައި ފަނޑިޔާރުން އަދި މުވައްޒަފުން ބައިވެރިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.