އިއްޔެ ކުރި އިހުތިޖާޖުން އެއްވެސް ނޫސްވެރިއަކު ހައްޔަރެއް ނުކުރަން، ގްރީން ޒޯނުން ބޭރު ކުރީ: އިހުސާން
ދަޕްރެސް
28 އޯގަސްޓު 2025 | ބުރާސްފަތި | 10:24
މީޑިއާ ރެގިއުލޭޓް ކުރާ ބިލާ ގުޅިގެން އިއްޔެ ނޫސްވެރިން ކުރި އިހުތިޖާޖުގައި އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި މުޒާހަރާ ކުރަމުން ދިޔައީ ގްރީން ޒޯނެއްގައި ކަމުން ނޫސްވެރިން ދުރަށް ޖެއްސީ ނަސޭހަތާއި އިންޒާރު ދިނުމަށްފަހު ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު މިހެން ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ އެ ބިލު ތަސްދީގު ނުކުރުމަށް ގޮވާލައްވަނީ ކުރީގެ ލިޔުންތެރިއެއްގެ ހައިސިއްޔަތުންނާއި ކުރީގެ "ގައިދީއެއްގެ" ހައިސިއްޔަތުން ކަމަށެވެ. އެމަނިކުފާނު އިލްތިމާސް ކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީޑިއާ ބިލު ތަސްދީގު ނުކުރެއްވުމަށް ނަޝީދު ގޮވާލެއްވިއެވެ.
ހަމައެއާއެކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ސަރުކާރަކުން ހަނިކުރާ ކޮންމެ ފަހަރަކު، އެ ގައުމެއްގެ މިނިވަންކަން ކުޑަވެ، ފުދުންތެރިކަން ދަށްވެގެން ދިޔުމަކީ ނުވެ ނުދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ އިހުތިޖާޖުން ހައްޔަރު ކުރި ނޫސްވެރިން ދޫކޮށްލުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.