ކަންބޮޑުވުންތަކާ ގުޅިގެން ރައީސް، އެމްޖޭއޭ ގެ މެންބަރުންނާއި ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ދަޕްރެސް
28 އޯގަސްޓު 2025 | ބުރާސްފަތި | 2:21
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގރެގިއުލޭޝަން ބިލާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޫސްވެރިންނާއި އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އާ މިއަދު ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި މީޑިއާ ބިލުގެ ބަހުސް ނިންމާ ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމާއި ގުޅިގެން ނޫސްވެރިން ވަނީ އިއްޔެ އާއި މިއަދުވެސް އިހުތިޖާޖުކޮށްފައެވެ. ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލާއި ގުޅިގެން ސޯޝަލް މީޑިއާގައިވެސް ގިނަ ބައެއްގެ ނުރުހުން ސަރުކާރާއި، ޕީއެންސީއަށް ނިސްބަތްވާ މަޖިލީސް މެންބަރުންނަށް އަމާޒުވަމުން އަންނައިރު، މި ބިލުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
މީޑިއާ ބިލާ ދެކޮޅަށް ރައީސް އޮފީސް ސަރަހައްދުގައި ނޫސްވެރިން އިހުޖާޖުކުރަނިކޮށް، ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)އާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލްވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.