ކައުންސިލް އިންތިހާބަށް ވާދަކުރަން އެމްޑީޕީ ޓިކެޓަށް ކުރިމަތިލާން ހުޅުވާލައިފި
ދަޕްރެސް
29 އޯގަސްޓު 2025 | ހުކުރު | 1:49
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޑީޕީން ބުނީ، ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރުމަށް ހުޅުވާލާ އެ ޕާތީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަންނަ މަހުގެ 30 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ޕްރައިމަރީގައި ވާދަ ކުރެވޭނީ ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހުންނަށް ކަމަށާއި ޕްރައިމަރީގެ ޓައިމްލައިން ފަހުގެ ތާރީހެއްގައި އާންމުކުރާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
ޝައުގުވެރިކަން ފާޅުކުރާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ މެންބަރަކަށް ވުމާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަން ޖެހޭ ކަމަށް ބަޔާން ކުރާ އެންމެހާ ޝަރުތުތައް ހަމަވުމެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގަވާއިދުގެ އަށް ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަން ޖެހޭ ކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވާން ވާނެ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.