އިންޖިނޭރުން ގައުމަށް ކޮށްދޭ ހިދުމަތުގެ އަގު ވަޒަން ކުރުމަށް އަންނަ އަހަރުން ފެށިގެން ގައުމީ އެވޯޑް ދެނީ
ދަޕްރެސް
30 އޯގަސްޓު 2025 | ހޮނިހިރު | 10:19
އިންޖިނޭރުން ގައުމަށް ކޮށްދެއްވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑް، ސަރުކާރުން ދެއްވަން ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ. ރައީސްގެ އެ ހިތާބު ފައްޓަވާފައިވަނީ، ހިދުމަތުގެ އެކި ދާއިރާތަކުގައި މަސައްކަތް ކޮށްދެއްވާފައިވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ އިންޖިނޭރުންނަށް، ދުވަހުގެ މުނާސަބަތުގައި މަރްހބާއާއި ޝުކުރު ދަންނަވަމުންނެވެ.
މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ގައުމުގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.