ބްރިޖު ހުޅުވިތާ 7 އަހަރު: ރައީސް ވިދާޅުވީ މިއީ ޗައިނާއާ ދެމެދު އޮތް އެއްބައިވަންތަކަމުގެ ހެއްކެއް ކަމަށް
ދަޕްރެސް
30 އޯގަސްޓު 2025 | ހޮނިހިރު | 3:57
މާލެއާއި ހުޅުމާލެ ގުޅާލުމަށް އަޅާފައިވާ ސިނަމާލެ ބްރިޖަށް މިއަދު 7 އަހަރު ފުރިފައިވާކަމަށާއި، މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެއްބައިވަންތަކަމުގެ ހެއްކެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ މި ބްރިޖުގެ ޒަރިއްޔާއިން މި ގައުމަށް އާ ފަހި ފުރުސަތުތަކެއް ލިބިގެން ގޮސްފައިވާކަމަށާއި، އަދި މިއީ ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ދެމެދުގައިވާ އެއްބައިވަންތަކަމާއި، އިތުބާރާއި، ދެމެހެއްޓެނިވި ގުޅުމުގެ ހެއްކެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ސިނަމާލެ ބްރިޖުގެ މަސައްކަތް ނިންމާ ރަސްމީކޮށް ބްރިޖު ހުޅުވީ 2018 ވަނަ އަހަރު އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. މިއީ މިހާތަނަށް ރާއްޖޭގައި އުމްރާނީ ތަރައްގީގެ ރޮނގުން ހިންގާފައިވާ އެންމެ ބިޔަ މަޝްރޫއަށް ވާއިރު، މި ބްރިޖަކީ ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ ރަމްޒީ ނިޝާނެކެވެ.