އައިސްޕްލާންޓް ކޮރަޕްޝަން: ކައިޒާން އިންވެސްޓްމަންޓަށް 7.2 މިލިއަން ދައްކަން ފެނަކައަށް ހުކުމްކޮށްފި
ދަޕްރެސް
30 އޯގަސްޓު 2025 | ހޮނިހިރު | 4:35
ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގައި، ކައިޒާން އިންވެސްޓްމެންޓް ކުންފުންޏަށް 7.2 މިލިއަން ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް މިދިޔަ މޭ މަހު ދައުވާ ވެސް ކޮށްފައިވެއެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަކަށް އަމަލުކުރުން ނުވަތަ ދައުލަތައް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.
ފާހަގަކުރެވޭ ގޮތުގައި ކައިޒާން އިންވެސްޓްމަންޓަކީ އިސްމާއިލް ޒާހިދު ކިޔާ މީހެއްގެ އަމިއްލަ ނަމުގައި އޮންނަ ސޯލް ޕްރޮޕެޓީޝިޕް ވިޔަފާރިއަކަށްވާއިރު، އޭނާގެ ފަރާތުން ވަނީ އިސްޕްލާންޓަށް ފެނަކައިން ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި 7.2 މިލިއަން ރުފިޔާ ހޯދުމަށް ހުށަހަޅާފައެވެ. އަދި މުއާމަލާތާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 580،155.68ރ. އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި އެއް ލައްކަ ރުފިޔާ ހޯދުމަށްވެސް ވަނީ ހުށަހަޅާފައެވެ.