މީޑިއާ ރެޖިއުލޭޓް ބިލުގައި މަޝްވަރާކޮށް ދިރާސާކުރަން ޖެހޭ ކަންކަން އެބަހުރި: ސަފާ

ދަޕްރެސް

31 އޯގަސްޓު 2025 | އާދިއްތަ | 12:24

މީޑިއާ ރެގިއުލޭޓް ކުރުމަށް ހުށަހަޅާފައިވާ ބިލަށް މަޝްވަރާކޮށް އިތުރަށް ދިރާސާ ކުރަން ވަގުތު ބޭނުންވާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް ސަފާ ޝަފީގް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ މީޑިއާ ރެގިއުލޭޓް ކުރުމަށް ހުށަހަޅާފައިވާ ބިލް ދިރާސާ ކުރުމަށް ބްރޯޑް ކޮމް އާ އެކު މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގް ވަނީ އެ ބިލް ޑްރާފްޓްކުރުމުގެ މަރުހަލާގައި އެ ކޮމިޝަނާ މަޝްވަރާކޮށްފައި ނުވާ ކަން ހާމަކުރައްވާފައެވެ.

ސަރުކާރުގެ ސިޔާސަތަކީ ވެސް ކަންކަން ނިންމުމުގެ ކުރިން ފުޅާ ދާއިރާއެއްގައި ދިރާސާކުރުން ކަން ފާހަގަ ކުރައްވަމުން ސަފާ ވިދާޅުވީ، މިފަދަ ބިލެއް ހަދާއިރު، ގައުމީ ފެންވަރުގެ ދިރާސާއެއް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. މީޑިއާތަކާއި އޯޓީޓީ ޕްލެޓްފޯމްތައް ވެސް ބެލެހެއްޓުން އެއްކޮމިޝަނަށް ގެންނަ ގޮތަށް އެ ބިލުގައި ހިމަނާފައިވާ އިރު އެއީ ވެސް ކުރަން އެންމެ ރަނގަޅު ކަމެއްތޯ ބަލައި ދިރާސާ ކުރަން ޖެހޭ ކަމަށް ސަފާ ވިދާޅުވިއެވެ. އެގޮތުން މިވަރުގެ ބިލަކަށް މަޝްވަރާކޮށް އިތުރަށް ދިރާސާކުރަން ވަގުތު ބޭނުންވާނެ ކަމަށް ސަފާ ވިދާޅުވިއެވެ.

މައުޟޫޢުތަށް