އެއާޕޯޓުގެ އެމަޖެންސީ ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު ބަލަން ހާއްސަ ހަރަކާތެއް
ދަޕްރެސް
1 ސެޕްޓެމްބަރު 2025 | ހޯމަ | 3:20
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)އަށް އެމްއޭސީއެލް އާއި ކަމާގުޅޭ އިދާރާތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.
އަންނަ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެފެކްސްގެ ބޭނުމަކީ އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުން ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
އެމްއޭސީއެލްއިން ބުނީ ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި ހަރަކާތުގައި އެފެކްސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެމަޖެންސީ ހާލަތު އަސްލަކަށް ބަލައިގެން އެ ހާލަތަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަނެވިފައިވާ ކަމަށެވެ. އަދި ހަރަކާތް ނިންމާލުމަށްފަހު ހަރަކާތުން ފާހަގަވި ކަންކަމާއި ރަނގަޅުކުރަންޖެހޭ ކަންކަމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.