އަފްގާނިސްތާނަށް އައި ބާރު ގަދަ ބިންހެލުމެއްގައި މިހާތަނަށް 800 އަށް ވުރެ ގިނަ މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް!
ދަޕްރެސް
1 ސެޕްޓެމްބަރު 2025 | ހޯމަ | 3:22
އަފްޣާނިސްތަނަށް އައި ބާރު ގަދަ ބިންހެލުމެއްގައި މިހާތަނަށް 800 އަށް ވުރެ ގިނަ މީހުން މަރުވެ 2500 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވާކަމަށް އެ ގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވަނީ ޕާކިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ އިރުމަތީ އަފްޣާނިސްތާނުގެ ރަށްތަކަށް، ރޭ ދަންވަރު 6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ. އަދި ފުރަތަމަ ބިންހެލުމުގެ ފަހުން މިއަދު، 4.5 މެގްނިޓިއުޑް އިން ފެށިގެން 5.2 މެގްނިޓިއުޑް އާއި ދެމެދުގެ މަދުވެގެން ފަސް އަފްޓާޝޮކް އެ ސަރަހައްދަށް އައިސްފައިވާކަމަށް ޔޫއެސްޖީއެސް އިން ބުނެފައިވެއެވެ.
މި ބިންހެލުން އައި ސަރަހައްދަކީ ފަރުބަދަތަކުގެ ވަށައިގެންވާ ސަރަހައްދެއްކަށްވުމުން މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެ ސަރަހައްދަށް ފޯރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ. މި ބިންހެލުމުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، ގިނަ ބަޔަކު އިމާރަތްތަކުގެ ދަށުވެފައިވާއިރު ކާބުލްގައި ހުންނަ އެ ގައުމުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ޝަރަފަތުޒަމާން ވަނީ ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިފައެވެ.