އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި
ދަޕްރެސް
2 ސެޕްޓެމްބަރު 2025 | އަންގާރަ | 8:53
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ޗައިނާއަސް ކުރައްވާ މި ދަތުރުފުޅަކީ ޗައިނާގެ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރި ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ސަމިޓުގެ ހަވާސާގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުން އޮތީ ޓިއާންޖިން މެއިޖިއާން ކޮންވެންޝަން ސެންޓަރުގައެވެ.
ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި އަޒަރްބައިޖާނާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ވެސް މިގުޅުން އިތުރަށް ބަދަހި ކުރެއްވުމާއެކު، އިގްތިސޯދީ ގޮތުން ދެ ގައުމުގެ ގުޅުން ފުޅާކުރެއްވުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިދިޔަ އަހަރު ބޭއްވި ކޮޕް29 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނަށް ދެއްވި މެހުމާންދާރީއަށްޓަކައި، ރައީސް އަލިޔޭވްއަށް ޝުކުރު އަދާ ކުރައްވާފައެވެ.