ފަލަސްތީނުގެ ޒުވާން ގައުމީ ޓީމަށް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ދޭން ނިންމައިފި
ދަޕްރެސް
2 ސެޕްޓެމްބަރު 2025 | އަންގާރަ | 8:29
ސައުދީ އަރަބިއްޔާގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ފުޓުބޯޅަ ޓީމު ރާއްޖޭގައި ކޭމްޕުކުރުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމައިފިއެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންނާ ބައްދަލު ކުރައްވާފައިވާކަން ހާމަކޮށް ސްޕޯޓްސް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ މިއީ ފަލަސްތީނާއި ރައްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށާއި، މިއީ ކުޅިވަރުގެ ކަންކަމުގައި ފަލަސްތީނަށް އެހީވުމަށްޓަކައި ކުރެވޭ މުހިންމު ކަމެއް ކަމަށެވެ. އިތުރަށް އެ މިނިސްޓްރީން ބުނީ މިކަމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވިފައިވާކަމަށެވެ.