ކައުންސިލްތަކަށް ދެމުންދާ ފައިސާ، ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރުމަށްފަހު ދޭ ގޮތަށް ބަދަލު ކުރަނީ
ދަޕްރެސް
5 ސެޕްޓެމްބަރު 2025 | ހުކުރު | 11:29
ރަށްރަށުގެ ކައުންސިލްތަކަށް ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީގެ ފައިސާގެ ފިސްކަލް ފޯމިއުލާ މުރާޖާކޮށް ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މިރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯމިއުލާ ގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށެވެ.
އެކަމަކު އާބާދީ ކުޑަ ނަމަވެސް ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދު ނޫންކަން ފާހަގަކުރައްވާ، ރައީސް އިތުރަށް ވިދާޅުވީ ބްލޮކް ގްރާންޓުގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުންވާ ކަމަށެވެ.