ވީއައިއޭ އެކްސަސައިޒް ކުރިއަށް ގެންދަން މިއަދު ހަވީރު 4 އިން ރޭގަނޑު 9 އަށް ބްރިޖުގެ އެއް ފަޅި ބަންދުވާނެ!

ދަޕްރެސް

8 ސެޕްޓެމްބަރު 2025 | ހޯމަ | 8:52

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ކުރިއަށް ގެންދަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އިމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖުން ބަޔެއް ބަންދު ކުރަން ނިންމައިފިއެވެ.

އެމްއޭސީއެލްއިން ބުނީ އެފެކްސް އޮޕަރޭޝަނަށް ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން ހަވީރު 4 އިން ރޭގަނޑު 9އަށް ބަންދުވާނެ ކަމަށެވެ. އަދި މި ވަގުތުތަކުގައި ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެކަން ހާމަކޮށް އެމްއޭސީއެލްއިން ބުނީ މި އެކްސަސައިޒް ކުރިއަށްދާއިރު ރަންވޭ 1 ގަޑިއިރަށް ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް ޝެޑިއުލް އަދި އޮޕަރޭޝަނަށް ބުރޫ ނާރާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެމްއޭސީއެލްގެ ރެގިއުލޭޓަރީ ޝަރުތުތަކުގެ ދަށުން ކޮންމެ ތިން އަހަރަކުން އެއް ފަހަރު އެއާޕޯޓްގައި ބާއްވަން ޖެހޭ މި އެކްސަސައިޒްގެ މައިގަނޑު މަގުސަދަކީ އެއާޕޯޓްގެ ކުއްލި ހާލަތްތަކާ ކުރިމަތިލުމުގެ ގާބިލިއްޔަތުކަން ހުރި މިންވަރު ބެލުމެވެ. އަދި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މިހާރު ލިޔެވިފައިވާ އެއާޕޯޓް އިމަޖެންސީ ޕްލޭންގެ ދަށުން ކަނޑައެޅިފައިވާ ދައުރުތަކާ އެއްގޮތަށް އެ ފަރާތްތަކުން ހަރަކާތްތެރިވެވޭތޯ ބެލުމެވެ.

މައުޟޫޢުތަށް