ދޮންފަނުގެ ބިން ނުހިއްކަން ނިންމުމާ ގުޅިގެން އެ ރަށުގެ ރައްޔިތުން މުޒާހަރާކުރަން ފަށައިފި

ދަޕްރެސް

9 ސެޕްޓެމްބަރު 2025 | އަންގާރަ | 1:55

ބ. ދޮންފަނުގެ ބިން ހިއްކަން ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް، އެ ރަށުގެ ބިން ނުހިއްކަން ނިންމުމާ ގުޅިގެން އެ ރަށުގެ ރައްޔިތުން މުޒާހަރާކުރަން ފަށައިފިއެވެ.

ދޮންފަނުގެ ގިނަ އަދަދެއްގެ ރައްޔިތުން ކައުންސިލު އިދާރާ ކުރި މައްޗަށް އެއްވެފައިވާއިރު އެމީހުން ދަނީ ދޮންފަނު ބިން ހިއްކުން ހުއްޓާލުމަށް ނިންމި ނިންމުމާއި ދެކޮޅަށް ޝުއޫރުފާޅުކޮށް އަވަހަށް ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ގޮވާލަމުންނެވެ. ދޮންފަނު ކައުންސުލުން، ވަނީ އެ ރަށުގެ ބިން ނުހިއްކަން ނިންމުމުގެ ކުރިން އެރަށުގެ ރައްޔިތުންނާ އަދި ކައުންސިލާ ވެސް ސަރުކާރުން މަޝްވަރާ ކޮށްފައިނުވާކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށްފައެވެ. ރަށުގެ ތަރައްގީ އާއި ގުޅިފައިވާ މިފަދަ މުހިއްމު ކަމެއް ނިންމުމުގެ ކުރިން ގިނަ ކަންތައްތަކެއް ބަލަންޖެހޭ ކަމަށް ރައްޔިތުން އަންނަނީ ބުނަމުންނެވެ.

މިދިޔަ އޮގަސްޓުމަހު ރައީސް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދޮންފަނަށް ވަޑައިގެން އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ވަނީ ފައްޓަވާދެއްވާފައެވެ. އެ މަޝްރޫއުގެ ސަބަބުން ބ.އަތޮޅުގެ ބަޔޯސްފިއާ ރިޒާވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކޮށްފައިވާއިރު މިއަދުގެ ހެނދުނު ރައީސް ކުރެއްވި ޕޯސްޓެއްގައި ވަނީ ދޮންފަނުގެ ބިން ނުހިއްކަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

މައުޟޫޢުތަށް