މަޝްރަހު އިތުރަށް ގޯސް ވެއްޖެނަމަ ނޭޕާލްގަ އުޅޭ ދިވެހިންނަށް އެހީވާން ތައްޔާރުކަމަށް ސަރުކާރުން ބުނެފި
ދަޕްރެސް
9 ސެޕްޓެމްބަރު 2025 | އަންގާރަ | 8:33
ނޭޕާލްގެ ސަރުކާރުން ސޯޝަލް މީޑިއާ ސައިޓްތައް މަނާކުރުމާ ގުޅިގެން އެ ގައުމުގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް އެހީތެރިކަން ބޭނުންވާނަމަ އެކަން ކޮށްދިނުމަށް ފޮރިން މިނިސްޓްރީން ތައްޔާރަށް އޮތް ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަދި މި މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަހައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ނަސޭހަތްތެރިވެފައެވެ.
މީގެއިތުރުން، ކަތަމަންޑޫގެ ގިނަ ސަރަހައްދުތަކެއްގައި ކާފިއު އިއުލާންކޮށްފައިވާތީ، މި ދަނޑިވަޅުގައި ކަތަމަންޑޫގައި ދިރިއުޅޭ އަދި ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސްސަލާމަތާއި ރައްކާތެރިކަމަށް ހާއްސަމާލުކަމެއްދީ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.