މީގެ 5 އަހަރުކުރިން، ޖަލު އޮފިސަރަކަށް ހަމަލާދީ ބޯފަޅާލި މައްސަލައަކާ ގުޅިގެން ތިން މީހަކު ޖޫރިމަނާކޮށްފި
ދަޕްރެސް
10 ސެޕްޓެމްބަރު 2025 | ބުދަ | 10:51
ކުރިން ހުރި މާލޭ ޖަލުގައި ބަންދުކުރި ތިބި ތިން ގައިދީއަކު، ޖަލު އޮފިސަރަކަށް ހަމަލާދީ މީގެ 5 އަހަރު ކުރިން ބޯފަޅާލި މައްސަލައަކާ ގުޅިގެން އެ ތިން މީހުން ހުސްވި ހަފްތާގައި ޖޫރިމަނާ ކޮށްފިއެވެ.
މީގެ 5 އަހަރުކުރިން 2020 ވަނަ އަހަރު ހިނގި މި ހާދިސާގައި ޖަލު އޮފިސަރަކަށް ހަމަލާދީ ބޯ ފަޅާލި މައްސަލައިގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ.
މި މައްސަލައިގެ ރިޕޯޓުގައިވާ ގޮތުން އެ ތިން ގައިދީން އެ މީހުންގެ އާއިލީ މެންބަރަކަށް ފޯނުކުރުމަށް، ގޮޅިން ނެރެގެން ގެންގޮސް ފޯނުކޮށް ނިންމައި އެނބުރި ގޮޅިއަށް ގެންދިޔަ މަގުމަތީގައި ޖަލު އޮފިސަރަށް ހަމަލާދީފައި ވާކަމަށް ބުނެފައި ވެއެވެ. މި ތިން މީހުންގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އުފުލާފައި ވާއިރު މި ތިން މީހުންވެސް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އެހެންނަމަވެސް އަނިޔާ ލިބުނު ޖަލު އޮފިސަރާ އެކު މަސައްކަތް ކުރާ ކަރެކްޝަންސްގެ އެހެން އޮފިސަރުން ވަނީ އެ ތިން މީހުންނާ ދެކޮޅަށް ހެކިބަސް ދީފައެވެ.