ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމަށް އޭޖީން ހުށަހަޅައިފި
ދަޕްރެސް
10 ސެޕްޓެމްބަރު 2025 | ބުދަ | 6:50
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ކޮމިޓީ މަރުހަލާގައި ބިލަށް ގެނައުމަށް އެޓާނީ ޖެނެރަލް އޮފީހަށް ފެންނަ އިސްލާހުތަކެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
މިކަމާ ގުޅިގެން އޭޖީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އިސްލާހުތައް މަޖިލީހުގެ އިދާރާއަށް ސެޕްޓެމްބަރު 9 ވަނަ ދުވަހު ހުށަހަޅާފައިވާކަމަށާއި، އެގޮތުން ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށް ހުށަހަޅާފައިވާކަމަށެވެ.
މީގެއިތުރުންވެސް އޭޖީން ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅާފައެވެ. އޭގެތެރޭގައި އިސްލާމް ދީނާއި ހިލާފު ވާހަތަކާއި ފާހިޝް އަމަލުތަކަށް ހިތްވަރު ދޭ ވާހަތަކަށް ފެތުރުން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން ހިމެނުމާއި، ބިލުގެ 18 ވަނަ މާއްދާގެ ދަށުން ސިޔާސީ ޕާޓީއެއްގެ މަގާމުގައި ހުރުން މަނާކުރުމުގެ ބަދަލުގައި ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުން ހިމަނާ މި މާއްދާ އިސްލާހުކުރުމަށް ވަނީ ހުށަހަޅާފައެވެ.