އެސްޓިއޯއިން ގަނޑުކޮށް މޭވާ އެތެރެކުރުމަކީ 'ފުޑް ސެކިއުރިޓީ' ލިބުމެއް ނޫން، އެއީ އަމިއްލަ ފަރުދުންގެ ވިޔަފާރިއަށް ވަދެވުން: އަމީރު

ދަޕްރެސް

11 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:57

10 ބާވާތެއްގެ މޭވާއާއި 10 ބާވަތެއްގެ ތަރުކާރީ އެސްޓީއޯއިން ގަނޑުކޮށް އެތެރެ ކުރި ނަަމަވެސް އެއީ ކާނާގެ ޔަގީންކަން ކަށަވަރުވާ ކަމެއް ނޫން ކަމަށް މިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ބާޒާރުގައި މޭވާއާއި ތަރުކާރީގެ އަގު އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅު ގިނަ ބައެއްގެ ޝަކުވާތަކާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ގާއިމުކުރުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު ނިންމާފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

ރައީސްގެ މި ޕޯސްޓާއި ގުޅިގެން އަމީރު ވިދާޅުވީ މި ތަކެތި ގެނައުމަށް އެސްޓީއޯއާ ހަވާލުކުރުމަކީ ''ފުޑް ސެކިއުރިޓީ'' ލިބުން ނޫން ކަމަށެވެ. އަދި ފުޑް ސެކިއުރިޓީއަކަށް ވާނީ މި ބާވަތްތައް ރާއްޖޭގައި ހެއްދުމުން ކަމަށް އަމީރު ވިދާޅުވިއެވެ. "މިހާރު ތި ކުރެވޭ ކަމަކީ އަމިއްލަ ފަރުދުންގެ ވިޔަފާރިއަށް ވަދެވެނީ." އަމީރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މައުޟޫޢުތަށް