މީޑިއާ ބިލަކީ ސޯޝަލް މީޑިއާ ރެގިއުލޭޓުކުރާ ބިލެއް ނޫން، ފޭސްބުކާއި ޓިކްޓޮކް ބަންދެއް ނުވާނެ: ފަލާހު
ދަޕްރެސް
13 ސެޕްޓެމްބަރު 2025 | ހޮނިހިރު | 10:07
މީޑިއާ ބިލަކީ ސޯޝަލް މީޑިއާ ރެގިއުލޭޓުކުރާ ބިލެއް ނޫންކަމަށާއި، މި ބިލު ފާސްވިއަސް ފޭސްބުކާއި ޓިކްޓޮކް އަދި ޓުވިޓާ އެކައުންޓުތައް ބަންދު ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޒުވާނުންނާއި ރައްޔިތުންނަށް އަމާޒުކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެމްބަރު އަބްދުލް ހަންނާން ހުށަހަޅުއްވާފައިވާ ބިލުގައި ސޯޝަލް މީޑިއާތައް ރެގިއުލޭޓް ކުރުން ނެތް ކަމަށާއި، އެހެންކަމުން ރައްޔިތުން ގަދައަށް ސޯޝަލް މީޑިއާ ބޭނުން ކުރަންވީ ކަމަށެވެ.
އިތުރަށް ފަލާހު ވިދާޅުވީ ރައީސް މުއިއްޒުއަކީ ޒުވާނުންނާއި، ރައްޔިތުންގެ މުޅި މުސްތަގުބަލް އުޖާލާކޮށް ރައްކާތެރި ކޮށްދޭނެ ހެޔޮލަފާވެރިއެއް ކަމަށާއި، މިފަދަ ދެވަނަ ވެރިއެއް ދެން ނުލިބޭނެ ކަމަށެވެ. ފަލާހު ވިދާޅުވީ މިއާ ހިލާފަށް އެމްޑީޕީއަކީ ލެޕްޓޮޕަކާ ފަޅުރަށަކުން މުޅި ގައުމު ހިންގޭނެކަމަށްބުނެ ރައީސް މައުމޫނުގެ ވެރިކަން މަކަރާއި އޮޅުވާލުމުން ބަދަލުކުރި ބައެއް ކަމަށެވެ.