ކެޔޮދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތާ ސްކޫލުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި
ދަޕްރެސް
20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 12:57
ކެޔޮދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި ކެޔޮދޫ ހަދާ 4 ބުރީގެ ސްކޫލް އިމާރާތުގެ މަސައްކަތ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެޔޮދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ.
މި މަޝްރޫއުގެ ދަށުން، އައު އިމާރާތް ތަރައްގީކުރަނީ 17,180 އަކަފޫޓުގެ ސަރަހައްދެއްގައެވެ. މި މަޝްރޫއުގެ ދަށުން ބިންގަނޑު ކޮނުމާއި، މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއ،ި ދަގަނޑު މަސައްކަތްތަކާއ،ި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތާއި، ކަރަންޓު ވަޔަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއ،ި އެއާ ކޮންޑިޝަން ސިސްޓަމެއް ހަރުކުރުމާއި، އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށް ދާނެއެވެ.