ރަކީދޫ ރައްޔިތުން ހިޖުރަކުރުމަށް އާބާދީގެ 80 ޕަސެންޓް ތާއީދު ނަމަ އެކަން ކޮށްދެއްވާނަން: ރައީސް
ދަޕްރެސް
20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 1:14
ވ. ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރުމަށް އެ ރަށުގެ އާބާދީގެ 80 އިންސައްތަ މީހުންގެ ތައީދު ލިބޭނަމަ، އެކަން އެގޮތަށް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ކީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ރައްޔިތުންގެ އާއްމު އިޖްތިމާއީ ކުރިއެރުމަށް ރައްޔިތުން ހުށައަޅަން ބޭނުންވާ ކަންކަން ހުށައެޅުމުގެ ފުރުސަތު ދެއްވާފައެވެ. މާލެ ކައިރިން އަލަށް ތަރައްގީކުރާ ރަށަކަށް ރަށުގެ ރައްޔިތުންގެ ދިރިއުޅުން ބަދަލުކުރަން ބޭނުންވާކަމަށް ރަކީދޫގެ ގިނަ ބަޔަކު ބުނެފައިވާއިރު ރަސްމާލެ، ގުޅިފަޅު ނުވަތަ އެނޫންވެސް، ދިރިއުޅުމުގެ ވަސީލަތްތައް ފުރިހަމަ މާލެ ކައިރި ތަނަކަށް ހިޖުރަކުރެވޭނެ މަގު ފަހިކޮށްދިނުމަށް ރަކީދޫ ރައްޔިތުން ވަނީ ރައީސްގެ އަރިހުގައި އެދިވަޑައިގެންފައެވެ.
ރައްޔިތުން ހުށައެޅުއްވި ހިޔާލުތަކަށް ރިއާޔަތްކުރައްވާ ރައީސް ވިދާޅުވީ، ހިޖުރަކުރުމުގައި ރައްޔިތުންގެ ހިޔާލު ވަރަށް ސާފުވެގެން ހިނގައްޖެކަމަށާއި ރަށުން ހިޖުރަކުރުމަށް ރައްޔިތުން ބޭނުންވާގޮތް ދެނެގަތުމަށް، ރަސްމީކޮށް މަސައްކަތްތައް ގެންދަވާނެކަމަށެވެ. އަދި ރައްޔިތުންގެ ހިޔާލާއެކު ރަށުން ބަދަލުވާން ނިމިއްޖެނަމަ،ރައްޔިތުން ބަދަލުކޮށްދެއްވާނީ ވަސީލަތްތަކާ ހިދުމަތްތައް ފުރިހަމަ ތަނަކަށްކަމުގެ ޔަގީން ރައީސް ވަނީ ދެއްވާފައެވެ. މީގެ އިތުރުން ރައީސް ހިޖުރަކުރުމުގެ ކަންތައްތައް ހަމަޖެހިއްޖެނަމަ ދިރިއުޅެވޭނެ ގެއާ، ހިޖުރަކުރުމަށް ސަރުކާރުން ދޭންޖެހޭ ބަދަލުވެސް ދެއްވާނެކަމަށް ވިދާޅުވެފައެވެ.