130 ކިލޯގެ ޑްރަގް މައްސަލަ: ޝަހީބާއެކު 7 މީހުންގެ މައްޗަށް ކުށް ސާބިތުވެ، އުމުރަށް ޖަލަށް
ދަޕްރެސް
20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 5:22
ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ ޝަހީބު އިބްރާހިމާއެކު ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ކަނޑައަޅައިފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ ޝަހީބު އާއި އިތުރު ހަތް މީހެކެވެ. 2020 ވަނަ އަހަރުގެ އޮކްޓޯބަރު އެ މީހުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓި ނަމަވެސް ފަހުން ވަނީ ބައެއް މީހުން ދޫކޮށްލާފައެވެ.
އެ މައްސަލައިގެ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ އެ ކަމުގައި އިސްކޮށް ހަރަކާތްތެރިވި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާގެ އިތުރުން އެކަމުގައި ބައިވެރިވި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަށެވެ. އަދި މީގެ އިތުރުން ވެސް ބަންގްލަދޭޝްގެ އިގުބާލާއި އެ ގައުމަށް ނިސްބަތްވާ މުހައްމަދު ރިޔާދުގެ މައްޗަށް ވެސް ކުށް ވަނީ ސާބިތުވެފައެވެ.